
ގަމުގައި ރަގަޅުފެންވަރުގެ ބަދަރެއް ހަދަން ނިމިދިޔަ އަހަރުގެ ޖޫންމަހު ތެރޭގައި އެމްޓީސީސީ އާއި ދެމެދު އޭރުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރުން ވެގެންދިޔައީ ހަމަ ގައިމުވެސް ހުޅުމީދޫގެ ރައްޔަތުން ނަށް އެކަމެއްގެ ސަބަބުން އުފާވެރިކަން ގެނެސްދިން ކަމެއްކަން ޔަގީނެވެ. އެހެނީ ރަށުގަ ތިބެފަ އެއާޕޯޓަށް ފަސޭހަކަމާއިއެކު ދެވޭނެ ގޮތްވެފަ، ގަމަށްދާން ލޯންޗަށް ކުރާނެ ޙަރަދުނޫނީ އިތުރު ޙަރަދެއްނުކޮށް ހިގާފަ އެއާޕޯޓަށްދެވޭނެތީއެވެ. އަދި ހުޅުމީދޫގައި ތިބެފަ ފުރަން ދާއިރު އެއާޕޯޓް އޮތް ގަންފިޔަވާ އެހެން ރަށަކަށް ލޯންޗު އިން ފާބާއިގެން ލަގެޖްކޮޅު ކާރަކަށް ލައިގެން ނުވަތަ ޕިކަޕަކަށް ނޫނީ ދަމާގާޑިޔާއަކަށް ލާއިގެން ދިއުމަކީ ހަމަ ޔަގީނުންވެސް ފުރަން ދާމީހަކަށް މިކަހަލަ ފަސޭހަ ދުވަސްވަރެއްގައި އަމުދުން އައްޑޫ ބަޔަކަށް ފަސޭހަކަމަކަށް ނުވާނެއެވެ.
ކޮންމެޔަކަސް އަޅުގަޑުމެން ހުޅުމީދޫ މީހުން އަނެއްކާވެސް މިޖެހުނީ ގަމުގެބަދަރު ހަދާނެ ދުވަހަކަށް އިންތިޒާރުކުރާށެވެ. ދާދި ފަހުން މިއަދުގެ ސަރުކާރުން ނިންމިގޮތުގައި ގަމުގެ ބަދަރު ހަދަން ސަރުކާރުން ހުށަހަޅާފައިވާ 36 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާރުވަނީ ފޭދޫގެ ބަދަރުހަދަން ބަޖެތް ރީއެލުކޭޓް ކުރާގޮތަށް ނިންމާ އަދި މިއަންނަ އޮގަސްޓް މަހުތެރޭ ފޭދޫގެ ބަދަރު ހެދުމުގެ އަމަލީ މަސައްކަތް ކުރާގޮތަށް ނިންމާފައެވެ. މީ ހަގީގަތަށް ބަލާއިރު އަޅުގަޑުމެން ހުޅުދޫ މީދޫ މީހުން މޫނުގައި ސަރުކާރުން ޖެހި ވަރުގަދަ ތަފާލެކެވެ. މީ އަޅުގަޑުމެން އެމްޑީޕީ ކެންޑިޑޭޓަކު މަޖިލިސް މެމްބަރަކަށް ހޮވާދިނީމަ ދިން އަގުބޮޑު ހަދިޔާއެކެވެ.
ހަގީގަތުގަ އަޅުގަޑުމެން ހުޅުމީދޫ މީހުން އެއާޕޯޓަށް ދާން މިކުރާ ޙަރަދު އެގޭނީ އަޅުގަޑުމެންނަށެވެ. އަޅުގަޑުމެން މިއަދު ހޮވާފަ އެހެރި މެމްބަރަށް ވެސް މިކަން އެގިވަޑައިގަންނަވާނެއެވެ. ފުރަންގޮސް ލޯންޗް ފޭދޫ ބަދަރާ ކާރިކޮށްލާއިރު ގިނަފަހަރު ޓެކުސީ ގަޑެއް ނުލިބޭނެއެވެ. ޓެކުސީއެއް ލިބިއްޖެއިއްޔާ ޓެކުސީއިން ގަމުގެ އެއާޕޯޓަށް ދާން ޓެކުސީއަށް ދައްކަންޖެހޭ ކުލި ސަރުކާރުން ނުވަތަ ކަމާއިބެހޭ އެފަދަ އެހެންތަނަކުން ހަމަޖައްސާފައެއްނޯވެއެވެ. ދެންމިޖެހެނީ ޓެކުސީ ޑުރައިވަރު ބުނި އަދަދަކަށް ލާރިދޭށެވެ. ނުދީ ޝަކުވާ ކޮށްފިނަމަ ހުރިހާ ޑުރައިވަރުން އައިސް އެމީހަކާ ޖައްސާލާނެއެވެ. މީ އަޅުގަޑުމެން ހުޅުމީދޫ މީހުންނާއި ދޭތެރޭ ކުރެވޭ ކިހާ ބޮޑު ބޭއިންސާފެއްތޯއެވެ؟
އަޅުގަޑުމެން ހުޅުމީދޫ މީހުންނަށް މިއަތޮޅުގެ އެހެން ރަށްރަށުގެ ރައްޔަތުންނަށް ލިބިފައި އޮތް ހައްގުތަށް ވަކިނުލިބެންވީ ސަބަބެއް އަޅުގަޑަކަށް ނުވިސްނެއެވެ. އަޅުގަޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ސަރުކާރުން ގަމުގެ ބަދަރު ހަދަންނިިންމި ހިސާބުން ފެށިގެން ގުޅިފައި އޮތް ހަތަރު ރަށުގެ ޑުރައިވަރުން ދިޔައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުންނަށް ލިބެމުން ދިޔަ ލާރިކޮޅު ލިބުމުގެ ދޮރު ބަންދުކޮށްލަން އުޅޭކަމަށް ބުނެ އޭރުގެ ސަރުކާރަށް ހަޖޫޖަހާ މައުމޫނަށް ވޯޓް ނުދޭންވެސް ނިންމިއެވެ. ބޮޑަށް ގަބޫލުކުރެވޭ ގޮތުގައި އޭރުގެ ސަރުކާރުންވެސް ގަމުގެ ބަދަރު ނުހަދާ ނިންމާލީ އިންތިޙާބީ ދުވަސްވަރާވެސް ކާރިވެފައިވާތީ މިއަތޮޅުގެ ރުހުން ހޯދުމުގެ ބޭނުމުގައިއެވެ. އަދި މިއަދުގެ ސަރުކާރުން ގަމުގެ ބަދަރު ނުހަދާ އެބަޖެޓުން ފޭދޫގެ ބަދަރު ހަދަން ނިންމި ނިންމުން ބޮޑަށް ދޭހަވަނީ ފޭދޫގައި ސަރުކާރަށް ތާޢީދު ނެތްކަން ނިމިގެން ދިޔަ މަޖިލިސް އިންތިޙާބުން އެގިގެން ގޮސްފައިވާތީ މިއަދުގެ ސަރުކާރަށް ތާޢީދު ހޯދުމުގެބޭނުމުގައި ކަމަށެވެ. ތާޢީދު އޮތްތޯ ނެތްތޯ އަޅުގަޑު ކިރާކަށް ނެތީމެވެ.
އެގޭ ކަމަކީ ގަމުގައި ބަދަރެއް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ފޭދޫގެ ބަދަރުހަދަން ބަދަލުކޮށްގެން ނުވާނެކަމެވެ. މި އަތޮޅުގެ އެންމެ ބިޒީބަދަރަކަށް ފޭދޫބަދަރު ވީކަމުގައިވިޔަސް ފޭދޫ ބަދަރުހަދަން ސަރުކާރުން ކޮންމެވެސް އެހެން ގޮތަކަށް ފާއިސާ ހޯދާނީއެވެ. މިއަތޮޅުގައި އެކަހެރިވެފައި އޮތް އަޅުގަޑުމެން ހުޅުމީދޫ ރައްޔަތުން ބޮލަށްފައިން އަރައިގެން އިތުރަށް ނިކަމެތިކޮށްލާނީއެއް ނޫނެވެ. އަދި މިއަދުގެ ސަރުކާރަކަށްވެސް، ޕުރޮވިންސް އޮފީހަކަސްވެސް ގަމުގެ ބަދަރު ހެދުން ލަސްކޮށްލާފައި ފޭދޫގެ ބަދަރު ހަދަން ގަމުބަދަރުގެ ބަޖެޓް ނެގިގެން ނުވާނެއެވެ.ނުވެސްނެގޭނެއެވެ. ދެންނެގިޔަސް ނަގާއިރު މި ފަސްެއަހަރު ނިމޭނެކަން މިއަދުގެ ސަރުކާރަށް ހަނދުމަ ކޮށްދެމެވެ.
ފޭދޫގެ ބަދަރަކީ ހަގީގަތުގައި ބިޒީބަދަރެއް ނުނެވެ. ގަމަށް ފުރަން ދާމީހުންނާއި ގަމަށް އަންނަމީހުން ގަމުން ފުރާނެ އިތުރު ބަދަރެއް ނެތީމަ ފޭދުގެ ބަދަރު ބޭނުންކުރަނީއެވެ. ގަމުގައި ބަދަރެއް އޮތްނަމަ ފޭދޫ ބަދަރުގެ މާބޮޑު ބޭނުމެއް ހަގިގަތުގައި ނެތެވެ. ހަމަޔާ އިނސްފާފުން ބަލާއިރު ބައިނަލް އަގުވާމީ ވައިގެ ބަދަރެއް އޮތް ރަށެއްގައި އެހެން ރަށްރަށުން އަންނަ ދަތުރުވެރިންނަށް ލަފާފުރޭކަހަލަ ބަދަރެއްނެތުމަކީ ތަރައްގީގެ ސިކުޑިއަކުން ވިސްނާއިރު ކިހާ ތާކުންތާކު ނުޖެހޭކަމެއްތީއެވެ؟ މީ މިއަދުގެ ސަރުކާރުން ފުލެޓްގެ އޮށްތަށް ރަށްރަށުގައި ވަލުލަމުންދާއިރު އެންމެ ފުރަތަމަ ވިސްނަންޖެހޭނެ އެއްކަމެވެ.
ގަމުގައި ބަދަރެއް ނުހަދާ އޮތްގޮތަށް ހުޅުލޭ އެއާޕޯޓްގައިވެސް ލަފާ ފުރާނޭ ބަދަރެއް ނުހަދާ ހުޅުމާލޭ ބަދަރު ބޭނުންކޮށްގެން ޓެކުސީއަކަށް ޑްރައިވަރު ބުނީ، އެއްމިލިއަން ރުފިއާދޭށޭ ބުނި ކަމުގައިވިޔަސް ދީގެން މިއަތޮޅުގެ ފޭދޫ، މަރަދޫފޭދޫ،މަރަދޫ، ހިތަދޫ އަދި ސަރުކާރުގެ ބޮޑުންގެމީހުން އެއްދުވަހު މާލެއިން ގަމަށް ވަޑައިގަތުން ކިހިނެއް ވާނެތޯއެވެ؟ ބުރަ އިހުސާސްވާނީ ދަތުރެއް ކުރީމައެވެ.
އަޅުގަޑު މިއަދުގެ ސަރުކާރަށާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ދަންނަވަން އޮތީ ތިބޭފުޅުންގެ ވިސްނުން ބަދަލުކޮށް ގަމުގެ ބަދަރު ވީ އެންމެ އަވަހަކަށް ހަދުމުގެ މަސައްކަތް ފެށުމަށެވެ. ގަމުގެ ބަދަރުހަދަން އޮތް ބަޖެޓުން އެންމެ ލޯ ލާރިއެއްވެސް ފޭދޫގެ ބަދަރު ހަދަން ނަގާއިގެން ނުވާނެއެވެ. މީޒާތީވުމެއް އަދި ވަތަނީ ވިސްނުމެއް ގެންގުޅެނީ ކަމަށް ނުވިސްނާ ހެޔޮވިސްނުން ތިބޭފުޅުން ވިސްނެވުމަށް ވަތިވެޑިން ގޮވާލަމެވެ. އަދި މިއަތޮޅުގައި ހުރި ހަވީރުގެ ނޫސްވެރިޔާ ސ.ފޭދޫ އަހުމަދު އަދުޝަން އަށް ވެސް ވަތިވެޑިން ދޭން އޮތް މެސެޖަކީ ، ގަމުގައި ހުރި މެދުއަތި ރެސްޓޯރަންޓަކީ އެއްދުވަސްވަރެއްގައި ސުވާދީބުސަރުކާރުގެ މަޖިލިސްގެޔޭ ބުނެ ލިޔާފަދައިން އަޅުގަޑުމެން ހުޅުމީދޫ މީހުންގެ ދަތި ދިރިއުޅުމުގެ ވާހަކަވެސް ލިޔެގެން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މިނިވަން އިންސާފުވެރި ނޫސްވެރިކަމަށް ކުރެވޭތޯބަލާށެވެ. އަމިއްލަ ރަށުގެ މޮޅެތިވާހަކަ އަބަދުމެ އަބަދު ހަވީރުގައި ލިޔެގެން މޮޅުވާން އުޅުމަކީ އަދިޔަކު ނޫސްވެރިކަމޭ މިކިޔާ ނޫސްވެރިކަމެއް ކުރެވޭނެ ގޮތެއް ނޫނެވެ. ހުއްބުލްވަތަނުގެ ދަރިންނަށް އިޙްތިރާމްކޮށް، މިނިވަން ކަމާއިއެކު ވިސްނެވުމަކީ ކިހާ މަތިވެރި އަޙްލާގެއްތޯއެވެ؟ މީ އަޅުގަޑުގެ ބަހެވެ. އަޅުގަޑުގެ ބަސްބުނެފީމެވެ. ތިބޭފުޅުންގެ ބަހަކީ ކޮބައިތޯއެވެ؟ ...ސަންދާނު އަހައްމައިދީ...
